މިއަދު އެކަނި 10،000 ފަތުރުވެރިން، މިއީ މުޅިން އާ ރެކޯޑެއް!

މިއަދު އެކަނި 10،000 ފަތުރުވެރިން، މިއީ މުޅިން އާ ރެކޯޑެއް!

ރެކޯޑް އަދަދަކަށް މިއަދު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިމިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަދު އެކަނިވެސް ރާއްޖެއަށް 10،213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ އެންމެ ދުވަހެއް ތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ރެކޯޑް އަދަދެއް ކަމަށެވެ. މިނިސްޓްރު ވަނީ މި ކާމިޔާބީ ފާހަގަކުރައްވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން ކޮވިޑުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ މި މަހުގެ 3 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެ އަށް 8,900 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

މި މަހުގެ 7 ވަނަ ދުވަހާއި ހިސާބަށް މުޅި ޖުމްލަ ރާއްޖެއަށް 236,730 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެގައުމުން ރާއްޖެ އަށް 28,304 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ގެ ދެވަނަގައި އުޅެނީ 23,749 އާއި އެކު އިޓަލީއެވެ. މި އަހަރު ފެށުނު އިރު އެއްވަނައިގައި އޮތް ރަޝިއާ އޮތީ  23,399 ފަތުރުވެރިންނާއި އެކު ތިން ވަނައިގައެވެ. ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތް އިރު، އެގައުމުން ރާއްޖެ އަށް 19,897 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިން ނަމަވެސް މި އަހަރު އެ ގައުމުން ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ވަނީ މާކެޓް ގެ 5 ވަނަ އަށް ވެއްޓިފައެވެ. މިގޮތުން މި އަހަރު އެ ގައުމުން ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކުރީ 17,794 ފަތުރުވެރިންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖެ އަށް މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ވިދާޅުވެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *