ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލުކުރަން އުޅޭ ވާހަކަތައް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން ވިދާޅުވީ ފްލެޓް ލިސްޓު ބާތިލުކޮށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ސަރުކާރުން އަލުން ކަނޑައަޅަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މިފަދަ ދޮގު ވާހަކަތައް ފަތުރައި އާންމުންގެ އިހުސާސްތަކާ ކުޅުމުން ގާނޫނު އަމިއްލަ އަތަށް ނަގައި ތަންފީޒު ކުރަން މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު އޭގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބުން ފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ އާންމުންނާއި ގުޅުންހުރި މިފަދަ ކަންކަމުގައި ޒިންމާދާރުވުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް ގޮވާލާފަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފްލެޓުތަކާއި ގުޅޭގޮތުން އޭސީސީން ތަހުޤީޤުކޮށް ބެލިބެލުމުން ޝަރުތު ހަމަވާ އަދި އިތުރު މައްސަލައެއް ހުރިިކަން ފާހަގަ ނުވާ މީހުންގެ ލިސްޓެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށާއި ފްލެޓް ލިސްޓުގައި ހިމެނޭ ހައްޤުވެރިންނަށް ފްލެޓު ދޫކުރާނީ އޭސީސީ އަދި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 13،000 އަށް ވުރެ ގިނަ ފޯމު ޝަރުތު ހަމަވާކަމަށް މިދިޔަ ސަރުކާރުން ވަނީ ކަނޑައަޅައި އެ އެންމެންނަށް ފްލެޓު ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ 4،000 މީހުންނަށް ފްލެޓުތައް ގުރުނަގައި ވަނީ އެއްބަސްވުމުގައި ބައެއް ފަރާތްތަކާއި އެކު ސޮއިވެސް ކޮށްފަ އެވެ.