"ކޭޖީއެފް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އިންޑިއާގެ ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" ގެ ރޯލެއް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޭވީއެން ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ ކާމިޔާބު އެކްޓަރު ޔާޝް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ އެކްޝަން ތުރިލާ އިން 58 އަހަރުގެ އެކްޓަރަށް ހުށަހެޅީ އެކްސްޓެންޑެޑް ކެމިއޯއެއް ކަމަށާއި މިއީ ކުރު ނަމަވެސް ފިލްމުގެ ވަރަށް ވަރުގަދަ ރޯލެއް ކަމަށެވެ.
ނަމަވެސް މި ފިލްމް އަށް އަދި ޝާހު އެއްބަސް ވެފައިވާކަމަށް ނުވެއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ މިރޯލަށް އާނ ބަސް ބުނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެއެވެ. މީގެ ކުރިން ވެސް ޝާހު ވަނީ މިފަދަ ރޯލެއް ކުޅެފައިއެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3″ އެވެ.
ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. މީގެ ކާސްޓާއި ބެހޭގޮތުންވެސް މައުލޫމާތެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ. ނަމަވެސް މި ފިލްމް އިން ޔާޝް އާއި އެކުގައި ކަރީނާ ފެނިގެން ދާނެ ކަމަށް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.
ޔާޝްގެ ވިދުން ގަދަކޮށްދިން "ކޭޖީއެފް: ޗެޕްޓާ 1″ 2018 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.