ބަތަލާ އަނުޝްކާ ޝަރުމާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަމަށް މީޑީއާއިން މީގެ ދެމަހެއްހައި ދުވަސް ކުރި ބުނި ނަމަވެސް އެކަން މިހާތަނަށް ރަސްމީކޮން އިއުލާން ކޮށްފައި އެއް ނުވެއެވެ.
މަޝްހޫރު ކުރިކެޓް ކުޅުން ތެރިއާ ވިރާޓް ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރުމާ ކައިވެނި ކުރީ 2017 ވަނަ އަހަރުގައިއެވެ. އަދި އެމީހުންނަށް ވަނީ މި ކައިވެނިން އަންހެން ކުއްޖެއެއް ލިބިފައިއެވެ.
ދެކުނު އެފްރިކާގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ވިރާޓްގެ ރަހުމަތްތެރިޔާ އޭބީ ޑި ވިލިއާސް ވަނީ އަނުޝްކާ އިނީ ދެވަނަ ދަރިއަކަށް ބަލިވެކަން ކަށަވަރު ކޮށްދީފައިއެވެ. އޭނާ ބުނީ ވިރާޓްއާއި އަނުޝްކާއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭތީ ވިރާޓް ވީހާވެސް ގިނަ ވަގުތު އަނުޝްކާއާއެކު ހޭދަކުރަމުން އަންނަ ކަމަށެވެ.
ވިލިއާސް އިތުރަށް ބުނީ މިފަދަ ހާލަތެއްގައި އާއިލާއާއެކު ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ވިރާޓް އެނބުރި ކުޅުން ފަށާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރީ ވަރަށް ޕްރައިވެޓް ހަފްލާއެއްގައި 2017 ވަނަ އަހަރު އިޓަލީގައިއެވެ. މި ކައިވެނީގައި ބައިވެރިވެފައިވަނީ ދެފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިންނެވެ.