އައްޑޫގެ ހިތަދޫ-ހުޅުމީދޫ ގުޅާލަން ނިންމާފައިވާ ބްރިޖުގެ ސަބަބުން އައްޑޫގައި ހިމާޔަތްކޮށްފައިވާ ނޭޗާ ޕާކަށް ގެއްލުންވެދާނެތީ އީކޯކެއާ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާއިން ވަނީ މި ސަރަހައްދުގެ ނާޒުކުކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ރަށް ގުޅުވައިދޭ ބްރިޖުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އަލުން ވިސްނުމަށް ގޮވާލާފައެވެ. ބްރިޖުގެ ބަދަލުގައި ރަނގަޅު ފެރީ ނިޒާމެއް ގާއިމުކުރުމަށް އިކޯކެއާއިން ވަކާލާތުކޮށްފައިވާއިރު، މިފަދަ ހައްލަކުން ތިމާވެއްޓަށް ލިބޭ ގެއްލުމަކުން ސަލާމަތްވާނެ ކަމަށް އީކޯކެއާއިން ވަނީ ބުނެފައެވެ.
ކަނެކްޓިވިޓީގެ ބޭނުންތެރިކަމަށް ބަލައި، ބްރިޖެއް ބޭނުންވާކަމަށް އަޅުގަނޑުމެންނަށް ހީވާނަމަ ގަމު މަގުން ހުޅުމީދޫ ގުޅާލަން ހުށަހަޅަން. ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނީ ތިމާވެށީގެ ހަރުދަނާ ފިޔަވަޅުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން.
ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން ބޭނުންވަނީ ތިމާވެށި ހިމާޔަތްކުރުމަށް ސަމާލުކަން ދީގެން ނިންމުންތައް ނިންމުމުގައި އާންމުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުން ބައިވެރިކުރުމަށެވެ. ތަރައްޤީއާ ގުޅުންހުރި މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރިއަށް ގެންގޮސް، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނީ އޭރުންކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އީކޯކެއާއިން ވަނީ ބްރިޖް މަޝްރޫއުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ފަރުވާތެރިކަމާއެކު ވިސްނައި، ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އެހެން ހައްލުތަކެއް ހޯދުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖުގެ ސާވޭއެއް ހެދުމަށް މިއަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ ނާޒިމް ދާދި ފަހުން ވިދާޅުވީ އައްޑޫ ބްރިޖް އެޅުމަށް މިސްރުގެ އަރަބި ކޮންޓްރެކްޓާސް ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ބްރިޖަކީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އިންވެސްޓަރުންނަށް ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އަދި އެކަމަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ