ރައީސް ޑރ. މުހައްމަދު މުއިއްޒު ފާއިތުވި ރިޔާސީ ކެމްޕޭންގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ފޮތް ޗާޕްކޮށްގެން މިހާރު ގެނެސްފައިވާ ކަމަށާއި އެކިއެކި އިދާރާތަކަށް އެ ފޮތް ފޮނުއްވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ފާއިތުވި ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންގެ ގުންޒަރުގެ ނަމުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އިންތިޚާބުގައި ދެއްކެވި ހުރިހާ ވާހަކައެއް ހިމެނޭ ފޮތެއް ނެރުއްވުމަށް ގަސްތު ކުރެއްވި ސަބަބަކީވެސް އެއީ ކަމުގައެވެ. އަދި ރައްޔިތުންނަށް ފޮރުވަންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެކަމުގައިވެސް ރައީސް. މުއިއްޒު ވިދާޅުވިއެވެ.
ފުރަތަމަ ދުވަހު، ކެނޑިޑޭޓަކަށް ވުމަށްޓަކައި ފޯމު ލީ ދުވަހު ނުކުމެ ނޫސްވެރިންނާ ދެއްކި ވާހަކައިން ފެށިގެން، ދެބުރުގައި ދެއްކި ހުރިހާ ވާހަކައެއް، ހުރިހާ ރަށަކަށް ގޮސް، ހުރިހާ ތަނެއްގަ ދެއްކި ހުރިހާ ވާހަކައަކާ، އަދި އިންތިހާބު ކާމިޔާބުވެގެން މިތަނުގައި ބޭއްވި ޖަލްސާގައި ދެއްކި ވާހަކައާ ހަމައަށް ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ލިޔެފައިވާ ފޮތެއް، އެ ފޮތުގައި އަދި ހުރިހާ ވައުދެއް ވެސް ހިމަނާފަ، ފޮތެއް އެބަ ނެރެން. އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީ. އެ ފޮތުން ފެނިވަޑައިގަންނަވާނެ ހުރިހާ ވާހަކައެއް.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ވީ ވައުދުތައް ގެއްލިޔަ ނުދީ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ރައްޔިތުންގެ ހަނދާނުގައި އެ ވާހަކަފުޅުތައް އަބަދަށް ހަރުލެއްވުން ކަަމަށެވެ.
މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފުތާ ތެރޭގައި މާލެ އަށް ވެސް ލިބިފައި ވަނީ. ހުރިހާ ރަށަކާއި ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލުތަކަށް ފޮނުވާނަން. އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަދި އޮންލައިންކޮށް، ޑިޖިޓަލީ ވެސް ކިޔައިލެވޭނެ. އެހެންވީމާ ވެސް އެހާ ސާފުކޮށް ފެންނަން އޮންނަ ގޮތަށް މި ކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި މި އޮތީ.
ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދައި ދިނުމަކީ އެ މަނިކުފާނުގެ ވާޖިބެކެވެ. ވިދާޅުވީ، ބަހާއި އަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ.