ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން މުއްދަތެއް ނެތް ގޮތަށް ބަންދުކުރުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
ވާނުވާ އުވާލުމަށް ތާއީދު ކުރައްވާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައި މިވަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުކުމް އިއްވަންދެން ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދިއުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަފުޅަށް ވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
އަދި ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ޕީޖީ އޮފީހުން ދެއްވާފައިވާއިރު، މިމައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މުއިއްޒަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ޕީޖީ އޮފީހުން ބުނީ 2019 ވަނަ އަހަރުން ފެށިގެން، ތުހުމަތު ކުރެވޭ މީހުން މުއްދަތެއް ނެތް ގޮތަށް ބަންދުކުރުން ނިމުމަކަށް ގެނައުމަށް ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ 30 ދުވަހަކުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހު ޑްރާފްޓް ކުރުމާއި އެ މީހުން ބަންދުގައި ބޭތިއްބުމާ ގުޅޭ ހާލަތަށް ބަދަލު އައިސްފައިވޭތޯ ބެލުމަށް ރިވިއުތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
ޕީޖީ އޮފީހުން އިން ބުނީ މި މައްސަލަ ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ޝަރީއަތްތަކުގެ ސްޕީޑް ކަމަށާއި އޭގެ ސަބަބުން ކޯޓުތަކުގައި ޖާގައިގެ ދަތިކަމާ ގުޅިފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށާއި އެ ބަދަލުތައް ސަރުކާރުން ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ މުޖުތަމައުގެ ތެރޭގައި ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމުކުރުމަކީ ކުށްތަކުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އެ އޮފީހުން ގެންގުޅޭ އެއް އަސާސް ކަމަށާއި ކުށުގެ ރޭޓް ކުޑަކޮށް އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނުން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި ދޭން ބޭނުންވާ ކަމުގައެވެ.