ތ. މަޑިފުށި ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ތ. މަޑިފުށި ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު މަޑިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ނިމިދިޔަ ސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނިންމާފައި ނުވުމާއި، މަޝްރޫޢުތަކުގެ ފެންވަރުދަށްކަމާއި، އެއްވެސް ރޭވުންތެރިކަމެއްނެތި ކަންކަން ފަށާފައިވުމެވެ. އެހެންކަމުން އެ މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަވައި އެކަންކަން ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއާ އަތޮޅުގެ އެއާޕޯޓުތައް ގުޅިފައިވާކަން މަޑިފުށި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ހުއްޓިފައި ހުރި ފެނަކައިގެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށާއި، ރަށުގެ ނަރުދަމާގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ކައުންސިލުގެ އިހުތިސާސަށް ގެންނަން ބޭނުންވާ ބައެއް ރަށްތައް ހުރިކަމަށާއި، އެކަމުން ރަށަށް ކުރާނެ ފައިދާތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރިވެޓްމަންޓް މަޝްރޫޢު އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، އަދިވެސް ރަށުގެ ތަރައްޤީއަށްޓަކައި މުސްތަގުބަލުގައި ރަށަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އެގޮތުން ރަށުގައި ކޯޒްވޭ ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތ. މަޑިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *