ލޯފަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވާންޖެހޭ މުއްދަތު އިތުރުކޮށްފި

ލޯފަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވާންޖެހޭ މުއްދަތު އިތުރުކޮށްފި

Author
ހުސެއިން
06 ފެބްރުއަރީ 2024 01:02
0

މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ލޮލަށް ނުފެންނަ މީހުން އަމިއްލައަށް ވޯޓުލާން ބޭނުންނަމަ ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.

ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް، އެމީހުންނަށް ހާއްސަކޮށްގެން ޕްލާސްޓިކް ޓެމްލޭޓެއް ހަދާ ބޭނުންކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގައެވެ. އޭގެ ކުރިން އެފަދަ މީހުން ވޯޓުލަމުން އައީ މީހެއްގެ އެހީތެރިކަމާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.