ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެެއްގޮތަށް، ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު ރާއްޖެތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު މިއަދު ތ. ގުރައިދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ މަތީ އިންސައްތައެއް ލިބިވަޑައިގަންނަވާ ރަށަކަށް ވަޑައިގަންނަވާނެ ކަން ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު އޮތީ އިއުލާން ކުރައްވައިފައެވެ. ރައީސް މުއިއްޒު އެގޮތަށް އިއުލާން ކުރެއްވުމާ ގުޅިގެން ބައެއް ރަށްރަށުގެ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އެ ރަށް ރަށުން އެމަނިކުފާނަށް ގިނަ އަދަދެއްގެ ވޯޓު ހޯދުމަށް މަސައްކަތް ވެސް ކުރި ކަން އެނގިފައިވެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްލާފައި އައި ހިޔާލަކަށްވީ އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އިންސައްތަ އެންމެ މަތިން ހޯދާ ރަށަކަށް ދިޔައީމަ ދެން ނުދެވޭ ރަށްތަކުގެ ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެއޭ އަސްލުގައި އެއީ ކީއްވެގެން ކަން އެހެން އެވީ.. އެއީ އަޅުގަނޑުމެންގެ ލީޑަޝިޕްގެ ތެރޭގައި ކުރެއްވި މަޝްވަރާ އިން އައި ހިޔާލެއް. އެގޮތަށް ނިންމާފައި އިއުލާން ވެސް ކޮށްލިން.
ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވާ ރަސްމީ ނަތީޖާ އަށް ބަލާ އިރު، ގުރައިދޫގައި ބެހެއްޓި ދެ ފޮށިން ވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ރައީސް މުއިއްޒެވެ. އެގޮތުން އެއް ފޮށިން މުއިއްޒަށް 334 ވޯޓު (%75.57) ލިބިވަޑައިގެންނެވި އިރު، އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 108 ވޯޓެވެ. އެއީ ވޯޓު ދިން މީހުން %24.43 ވޯޓެވެ.
ދެވަނަ ފޮށިން މުއިއްޒަށް 291 ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ ވޯޓު ދިން މީހުންގެ %72.39 ވޯޓެވެ. ރައީސް ސޯލިހަށް އެ ފޮށިން ލިބިވަޑައިގެންނެވީ 111 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ (%72.39) ވޯޓެވެ. ގުރައިދޫން އެކަނި ވެސް މުއިއްޒަށް 625 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 219 ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.