މިއަދުގެ ރިޔާސީ ބަޔާނަކީ، މިހާތަނަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކު، ރައްޔިތުންގެ މަޖލިހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ރިޔާސީ ބަޔާނުގެ ފުރިހަމަކަމުން، ރައީސް މުއިއްޒުއަށް ތަޙްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރުއަދާކުރާ ކަމުގައެވެ.
އަދި ގާސިމް ވިދާޅުވީ، ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ރައީސް މުއިއްޒު ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމުގައެވެ.
ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު ޤާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއްވަވައިދެއްވި، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯއެވެ؟
ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަށް ގާސިމް ތައުރީޕް ކޮށްފައިވާއިރު، މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒުވަނީ ގައުމުގެ މިހާރުގެ ހާލަތުގެ އިތުރުން މިއަހަރާއި އަދި ދައުރުގެ ކުރިަޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންދަވާނެ މުހިންމު ކަންކަމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
މިއަދުގެ ރިޔާސީ ބަޔާން އެމްޑީޕީއާއި ޑިމޮކްރެޓްސްއިންވަނީ ބޮއިކޮޓް ކޮށްފައެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ޖުމްލަ 24 މެމްބަރުންނެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.