ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަމިއްލަ އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ, މިއީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ މުސްތަޤްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މީގެ އިތުރުންވެސް، ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމުގައެވެ. އެގޮތުން، އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒު ކަމަށާއި, އެމަނިކުފާނު ހުށަހަޅާފައިވާ އިޤުތިޞާދީ އެޖެންޑާގެ މައިގަނޑު އަމާޒަކީ މިއީ ކަމުގައެވެ.
އަދި ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި، ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫޢުތަކުގެ މަސައްކަތްތައް ބަހާލައި ރާވައިގެން ގެންދަން ނިންމާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, އަމާޒަކީ މިހާރު މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ނިންމައި، މަޝްރޫޢުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުން ކަމުގައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.