ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ހުށަހެޅި މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް މިއަދު ފޮނުވައިފިއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން 14 ދުވަސް ތެރޭގައި ނޯޓިސް ފޮނުވަން ޖެހޭނެއެވެ. އަސްލަމާއި ސަލީމަށް ނޯޓިސް ފޮނުވުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ މި މަހުގެ 19 ގައެވެ. ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ ގަރާރު މަޖިލިހަށް ހުށަހެޅުމަށް 23 މެމްބަރުން ސޮއިކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންނެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިވަގުތު މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ބެހިފައި އޮތް ގޮތުން، އެމްޑީޕީގައި 44 މެމްބަރުން އަދި ޑިމޮކްރެޓްސްގައި 13 މެމްބަރުން އެބަތިއްބެވިއެވެ. މި ދެ ޕާޓީން ވަނީ ދާދި ފަހުން މަޖިލިހުގައި ގުޅިގެން މަސައްކަތް ކުރަން ނިންމައިފައެވެ. ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ ތިރީހަކަށް މެމްބަރުން އެބަތިއްބެވިއެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު، މަޖިލީހުގައި ހަމަނުޖެހުން ހިންގާފައިވަނިކޮށެވެ.
އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ އެ ދެބޭފުޅުން ހިލާފުވެފައިވާ ކަމަށް ބުނެފައިވެއެވެ.
މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ 9:00 ގައި މަޖިލިހުގެ އިދާރާގައި އޮންނާނެއެވެ.