ޕޫނަމް ޕާންޑޭ މަރުނުވާ ކަމަށާއި އެފަދަ ވާހަކައެއް ފެތުރީ ކެންސަރަށް ހޭލުންތެރި ކުރަން ކަމަށް ބުނެ އާންމުންގެ ކިބައިން އޭނާ މައާފަށް އެދިއްޖެއެވެ.
މި މަހުގެ 1 ވަނަ ދުވަހުގައި ފޫނަމް މަރުވެއްޖެ ކަމަށް ބުނެ އޭނާ އަމިއްލަ އަށް ވަނީ ދޮގު ހަބަރު ފަތުރާފައިއެވެ. އަދި މިކަމުގައި އޭނާގެ މެނޭޖަރުވެސް ވަނީ ބައިވެރި ކޮށްފައިއެވެ.
ނަމަވެސް އިއްޔެ ޕޫނަމް ވަނީ އެއީ ރަހިމުގެ ކެންސަރު ނުވަތަ ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި އެއާއި އެކުގައި ގިނ ބަޔަކު މިހާރު ކެންސަރާއި ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފި ކަމަށް ބުނެފައި ވެއެވެ.
ޕޫނަމް ބުނީ އޭނާގެ އިންޓެންޝަން އަކީ ދޮގު ހަބަރު ފެތުރުން ނޫންކަމަށާއި އަދި ބަޔަކު ދެރަކުރުން ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ހިތްހަމަ ނުޖެހޭނަމަ މައާފަށް އެދޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އާންމުންގެ ތެރޭގައި ޕޫނަމް އެންމެ ބޮޑަށް މަޝްހޫރީ ނިވާކަން ކުޑަކޮށް ހެދުން އަޅައި، ހަށިގަނޑުގެ ވަނާތައް ފާޅުކުރަން އާދަވެފައިވާ މީހެއްގެ ގޮތުގަ އެވެ. އަދި ފިލްމް ތަކުގައި ގައިގޯޅި މަންޒަރުތަށް ކުޅޭ ތަރިއެއްގެ ގޮތުގައިއެވެ.
ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕޫނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނަޝާ"، "ލަވް އިޒް ޕޮއިޒަން" އަދި "ޖާނީ އޮފް ކަރްމާ" ހިމެނެ އެވެ. ނަމަވެސް މި ފިލްމް ތަކަކީ ކާމިޔާބެއް ހޯދުނު ފިލްމް ތަކެއް ނޫނެވެ. އަނެއް ކޮޅުން އޭނާ ފިލްމް ތަކުން ފެނިގެން ގޮސްފައިވަނީ ސަޕޯޓިން ރޯލުތަކުންނެވެ.
ޕޫނަމް ދެ ރިއަލިޓީ ޝޯއެއްގައި ވެސް ވާދަކޮށްފައިވެ އެވެ. އެއީ ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 4 ވަނަ ސީޒަނާއި 2022 ގައި ކަންގަނާ ހޯސްޓްކުރި "ލޮކަޕް" އެވެ.