މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީގައި ޑރ އަހުމަދު ޝަމްހީދު ކާމިޔާބު ކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ޓިކެޓް ކަށަވަރުކުރައްވައިފިއެވެ.
އޭނާ އަކީ ޕާޓީގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެ، ޕާޓީގެ ކޮމިޓީތަކުގެ އިސް މަގާމުތަކުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައި، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝަމްހީދު ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޖުމްލަ 187 ވޯޓާއެކު އެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ 123 ވޯޓު ހޯއްދެވި ހުސައިން ނާފިޒެވެ. ނާފިޒަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެޗްޑީސީ (އާބަންކޯ)ގެ އިސް އޮފިޝަލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިއްޔެ ބޭއްވި އިދިކޮޅު ޕްރައިމަރީގައި މިހާރު ތިއްބެވި ގިނަ މެމްބަރުން ވަނީ ޓިކެޓް ހޯއްދަވައިފަ އެވެ.
ކޮމެންޓު ފޮނުވާ