ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ކުރެއްވި ޓްވީޓުގެ މާނަ އޮޅުވާލީ ކަމަށާއި އެ ޓްވީޓާއި ގުޅިގެން މިހާތަނަށް ފުލުހުން ސުވާލެއްކޮށްފައި ނުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ހިންގާ ހަމަނުޖެހުންތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
އެ ޓްވީޓާއި ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވީ ޕީޖީއަށް ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިއުލާނު ކުރެއްވުމުން ދޭހަވަނީ އެ ހަމަލާގެ މަގްސަދާއި މީހުންނާ ބެހޭ އިތުބާރު ހުރި މައުލޫމާތެއް ކުރީގެ ރައީސަށް ލިބިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެ އިތުބާރު ހުރި މައުލޫމާތުތައް މިހާރުން މިހާރަށް ފުލުހުންނާ ހިއްސާކުރުމަށް ސޯލިހުގެ އަރިހުން އިހުސާން ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓުގެ މާނަ އޮޅުވާލާފައިވާ ކަމަށާއި ފުލުހުން މިހާތަނަށް އެއްވެސް ސުވާލެއްކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނު އޮތް ގޮތުން ތަހުގީގެއް ހިންގަން މިނިސްޓަރަށް ފުލުހުންނަށް އަމުރު ކުރެވިދާނެތޯ ވެސް ސޯލިހު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑު މިހުރީ އަޅުގަނޑަށް އެނގި ހުރި ހުރިހާ މައުލޫމާތެއް ސުވާލުކޮށްދިއްޔާ ދޭ ގޮތަށް. އެކަމަކު އެކަން ހޯމް މިނިސްޓަރު ކުރައްވާފައި އެ އޮތީކީ އެހާ ރަނގަޅަކަށް ނޫން،" ސޯލިހު ވިދާޅުވި އެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ވެސް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ