ވިޔަފާރީގެ ގޮތުންނާއި އިންވެސްޓްމަންޓްތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ނަގާ ޑިއުޓީ ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.
ބެލްޖިއަމްގެ ބްރަސަލްސްގައި މިހާރު ކުރިއަށްދާ އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވުމުން ޑައިވާސިފައި ކުރުމަށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް އީޔޫގެ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ނަމަވެސް އެންމެ މުހިންމު ކަމަކީ އަމިއްލައަށް ބަރޯސާވުމަށް އިސްކަން ދިނުން ކަމަށެވެ.
އަޅުގަނޑުމެންގެ ބައި އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނީ އެކަމުގެ ގާބިލުކަން އޮވެގެން.
މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
އެކަމަށްޓަކައި ރާއްޖެ ފަދަ ގައުމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ހަމަހަމަ ފުރުސަތުތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންއިން އަޅުގަނޑުމެންގެ ހަމައެކަނި އެކްސްޕޯޓް – އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ޓޫނާ އިން ނަގަމުން އަންނަ ޓެކްސްތައް އެންމެ ފުރަތަމަ ނައްތާލުމަކީ ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުން އިގްތިސާދު ޑައިވާސިފައިވެ އަމިއްލަ ރެޒިލިއަންސް ބިނާކުރުމަށް މަގުފަހިވެގެންދާނެ.
މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި 2013 ވަނަ އަހަރު ރާއްޖެ ދަސްވެނިވުމާއެކު އިނގިރޭސިވިލާތް ހިމެނޭ ގޮތަށް އީޔޫގެ ގައުމުތަކުން ވަނީ 24 ޕަސެންޓް ޑިއުޓީ ފީއެއް ނަގައިފަ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ އަގު ބޮޑުވުމާ ގުޅިގެން މަސްވެރިކަމުން އެކްސްޕޯޓުކުރާ ޓެކްސް ތައް ކުޑަކުރުމާ ބެހޭ ގޮތުން ވެސް ކުރީގެ ސަރުކާރުތަކުން ވަނީ މަޝްވަރާކޮށްފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޓެކްސް ކުޑަކުރުމަށް ކުރެވުނު މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.
ކޮމެންޓު ފޮނުވާ