އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ރާއްޖޭގެ އުތުރުގެ ތިން ރަށްކަމަށްވާ ހދ. ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހިގާލުމުމަށްފު މި ތިން ރަށުގައި ހިނގާލުން ބާއްވާ ރޭ 8 ޖަހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މިމަހުގެ 17 ވަނަ ދުވަހު، ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އަދި 18 ވަނަ ދުވަހު ހއ.ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެހިފައިވާއިރު، ހއ.އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

މި ރަށްރަށުގައި ބޭއްވޭ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ. މި ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ޝަރަފުގެ ހިނގާލުން ބޭއްވޭ ރަށްރަށުގައި ސިފައިންގެ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން ޝައުޤުވެރިކަން ހުންނަ ސްކޫލުތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމާފައެވެ.

66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކްއޯޓަރޒެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ. އެހެންނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބައްލަވާލެއްވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ