އިންޑިއާ ސިފައިން އަރާނީ ހަމައެކަނި ދިވެހި މަސް ދޯންޏަކަށް ނޫން ކަމަށާއި، އިންޑިއާ ސިފައިން އެންމެ ފަހުން މާލެވެސް އަރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަކަށް ހަތިޔާރާއެކު އެރި ވީޑިއޯތަކެއް މިއަދު އާންމު ވެފައިވަނިކޮށް ނަޝީދު ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ވަނީ، "އަސްލަށް ވިސްނުމަށާއި އަދި ނިދިން ހޭލަން ޖެހޭކަމަށް" ވިދާޅުވެފައެވެ.
ނަޝީދުގެ ވަޓްސްއަޕް މެސެޖުތަކުގައި އިތުރަށް ވިދާޅުވީ، އިންޑިއާގެ ވެރިކަމުގައި ކޮންމެ ޕާޓީއެއް އޮތްނަމަވެސް، އިންޑިއާގެ ބޭރުގައި އޮތް މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮވެފައިވާ ކަމުގައެވެ. އަދި ރާއްޖެ އެގޮތުގައި ދެމިއޮތީ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި، އަދި އެއީ ވަތަނީ ވިސްނުން އިސްކޮށްގެންވެސް ނޫންކަމުގައި ނަޝީދު ވިދާޅުވިއެވެ.
އަހަރެން މި ގުރޫޕުގައި މި ލިޔަނީ ސަބަބެއް އޮވެގެން. މި ގުރޫޕަށްވެސް، އަދި ރާއްޖެއަށްވެސް ގެއްލޭނެ ކަންކަން ވަރަށް ގިނަ. އިންޑިއާއަށް އިސްކަންދީފަ، މާފަށް އެދިފަ، ޗައިނާގެ ޖާސޫސީ އުޅަނދުތަކަށް ރާއްޖޭގެ ކަނޑު މެޕް ކުރުމުގެ ފުރުސަތު ނުދީ. ފަހަރެއްގަ މީގެ 30 ނުވަތަ 40 އަހަރު ފަހުން އަހަރެމެންނަށް އެހެން ރާގެއްގަ ވާހަކަ ދެއްކިދާނެ. އެހެންނަަމަވެސް މިވަގުތު ވިސްނަންވާނީ ހަގީގަތާއެއް ގޮތަށް.
ނަޝީދުގެ ވަޓްސްއަޕް މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ނަޝީދުގެ ވަޓްސްއަޕް މެސެޖުގައި ފަހުން ވިދާޅުވެފައިވަނީ އެ ވިދާޅުވި ވާހަކަތައް ފަހުން ނުވާނަމަ، "ދިދަ ހޫރުވަމުން މަގުން ކައްސާލައިގެން" ދާންވީ ކަމުގައެވެ.
އަދި ވިދާޅުވީ ދިވެހި ރުފިޔާގެ ހިފަހައްޓާފައި އޮތް ޑޮލަރުގެ އަގު ދޫކޮށްލަން ޖެހޭ ކަމަށާއި، ޗައިނާއަށް އިންޑިއާ ކަޑުގެ ފުނާއި ހަމައަށް ދިއުމަށް އަދި 30 އަހަރު ނަގާނެ ކަމުގައެވެ. އަދި އިންޑިއާ، ޖަޕާން، އެމެރިކާ އަދި އޮސްޓްރޭލިއާ އެކުވެގެން އުފައްދާފައި އޮންނަ "ކުއަޑް" އިއްތިހާދުގެ މައްޗަށް އިންޑިއާ ކަނޑުގައި ޗައިނާއަށް ގަދަ ނުވެވޭނެކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ޗައިނާގެ ޖާސޫސީ އުޅަނދެއް ރާއްޖެއަށް ބަދަރުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ހުއްދަ ދީފައިވާކަމަށް ބުނެ އިންޑިއާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ