ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ރަސްމީކޮށް ދަންނަވާ ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް އެރި ވީޑިއޯ މިއަދު އާންމު ވެފައި ވަނިކޮށް، ދިފާއީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ފާއިތުވި ޖެނުއަރީމަހުގެ 31 ވަނަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހުބަދޫ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައިތިބި މައުލޫމާތު ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރު ކުރުމަށްފަހު، އެމްއެންޑީއެފްގެ ނޮދަން އޭރިޔާގައި އެހެން އޮޕަރޭޝަނެއްގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދު "ޝަހީދު އަލީ"، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމުހޫރިއްޔާގެ އަމުރުފުޅަށް ރީޓާސްކު ކުރެވި، އެ ސަރަހައްދަށް ދިއުމަށް ފުލް ސްޓީމްގައި ދަތުރު ފެށިކަމަށެވެ.
އަދި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އުޅަނދު "ޝަހީދު އަލީ" އެސަރަހައްދަށް ގޮސް އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏާއި، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށްވެސް ދިފާއީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ކޯސްޓުގާޑުގެ އުޅަނދު "ޝަހީދު އަލީ" އެސަރަހައްދަށް ދިއުމުން އިތުރު 2 މަސް ދޯންޏަކަށް (މޮހޮރާ 3 އަދި ނިރު 7) ބޭރުގެ އަސްކަރިއްޔާއިން އަރާފައިވާކަމުގެ މައުލޫމާތު ލިބުނު ކަމުގައެވެ. އަދި ރާއްޖޭގެ މަސްދޯންޏަށް އަރާފައިވަނީ އިންޑީއާ ކޯސްޓުގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓުގާޑު ޝިޕް 253އަށް ނިސްބަތްވާ ޓީމުތަކުންކަން ކަށަވަރު ކުރެވުނު ކަމުގައެވެ.
އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މިންނެތް މަސައްކަތްތައް ސާބިތުކަމާއެކު ކުރިޔަށް ގެންދިއުމަށް ދަންނަވާ ކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު، އަދި ވަކީން ޚާއްސަކޮށް އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ދިވެހިރާއްޖޭގެ ދިފާއީ ބާރުން ކެނޑިނޭޅި ދެމިއޮންނާނޭ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.
އިންޑިއާ ސިފައިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އިންޑިއާގެ މަސްދޯންޏަށް އެރުމާއި ގުޅިގެން އިންޑިއާ ސަރުކާރުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.