16 ނޮވެމްބަރު 2023 ވީ ދުވަހުގެ ނިޔަލަށް ރައީސް ސާލިހުގެ ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މރުފިޔާ ކަމުގައި ރައީސް ސާލިހުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެެއްވި އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް 250 މިލިއަނެއްބާ ރުފިޔާ ނުދެވި އޮތްކަމަށް ފިޝަރީޒް މިނިސްޓަރި އަހުމަދު ޝިޔާމް ކުރެއްވި އެކްސްޕޯސްޓަށް ރައްދުދީ ކުރެެއްވި އެކްސްޕޯސްޓެއްގައެވެ.
ޝިޔާމް މިއަދު ވިދާޅުވީ މި ދުވަސްވަރަކީ މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށެވެ.
އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށާއި، އަދި އެއީ ލިބޭ ވަރަށްވެސްބޮޑު ހިތްދަތިކަމެއްކަމަށް ގަބޫލުކުރައްވާ ކަމުގައެވެ.
އަދި ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދީ ޚަލާސްކުރެވިއްޖެ ކަމަށެވެ.
ޝިޔާމްގެ އެކްސް ޕޯސްޓަށް ރައްދު ދެމުން އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެމްޑީޕީގެ ސަރުކާރުން ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ، މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާދީފައި ވާކަމުގައެވެ. އަދި އެމްޑީޕީގެ ސަރުކާރުން ދިޔައީ އާންމުކޮށް ކޮންމެ ހަފްތާއަކު މަސްވެރިންނަށް ފައިސާދޫކުރަމުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް މިއަދު ވިދާޅުވީ، މަސްވެރިންނަށް ނުދެއްކިހުރި ފައިސާ މަސްވެރިންްނަށް ދެއްކުމަށް، ސަރުކާރާއ އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންކަމުން ކަމުގައެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލޯނެއް ނަގައިގެންވެސް ދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް، ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަމަށެވެ.
އެހެންނަމެވެސް އޭނާ ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމުގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.
އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ ކަމަށާއި، މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.