ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުް ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ކޮމިޝަނުންވަނީ ނިންމާފައިވާ ކަމުގައެވެ.
އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 2024 ޖެނުއަރީ 21 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 4 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް އެދިފައިވެއެވެ.
އިލެކްޝަންސްއިން ބުނެފައިވަނީ، 1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ