މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ޤާނޫން އަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމުގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ޤާނޫން އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕް ކުއްލިއަކަށް އަޅައި، ނުހަނު ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމް.ޑީ.ޕީގައި އޮތަތީ، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީއްޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށެވެ.
ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި، ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމުގައި މެނުވީ ނުވާނެ ކަމުގައެވެ. އަދި މިއީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަ ޖެހުމާއި ، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ނޫނީ ނުވާނެކަމެއްކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ، މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ޤައުމު ފަސާދަވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓިދާނެ ކަމުގައެވެ.
އެހެން ކަމުން އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަން ހާމަކުރާކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
އަދި ގާސިމް ވިދާޅުވީ، ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުޢޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލު ކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމުގައެވެ.
ރައްޔިތުންގެ މަޖިލިހުން ރަހުން ނުދިން 3 ވަޒީރުން ރައީސް މުއިއްޒުވަނީ އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަން ކޮށްފައެވެ. އެހެންނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެ ވަޒީރުން ދެ އެ މަގާމްތަަކަށް އައްޔަން ނުކުރެވޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ