2024 ޖަނަވަރީ 10 ގައި ގެޒެޓްގައި ޝާއިޢުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، ގެނެވުނު ބަދަލުތައް، އިލެކްޝަންސް ކޮމިޝަނުން ޢާންމު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (http://gazette.gov.mv) ގައި، ކޮމިޝަނުގެ ވެބްސައިޓު (http://elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމުގައެވެ.
އަދި ހަބީބު ވިދާޅުވީ، މީގެ އިތުރުން ((VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެންވެސް ލިސްޓުގައި ހުރި މައުލޫމާތު ޗެކް ކުރެވޭނެ ކަމަށެވެ.
މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 ޖަނަވަރީ 30 އިން 2024 ފެބުރުވަރީ 10 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް.
ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެން ކަމުގައެވެ.
މާލޭގައިނަމަ، ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ. ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ.
ކޮމެންޓު ފޮނުވާ