ރުހުންދިނުމުގެ ޖަލްސާގައި ވިޕާއި ޚިލާފްވި އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަަޅަނީ

ރުހުންދިނުމުގެ ޖަލްސާގައި ވިޕާއި ޚިލާފްވި އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަަޅަނީ

Author
ހުސެއިން
30 ޖެނުއަރީ 2024 08:54
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި ވިޕްލައިނާ ޚިލާފްވެފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގައި އެޕާޓީން ބުނެފިއެވެ.

އިޔެއް ތިން ވަޒީރަކަށް މަޖިލިހުން ރުހުން ދީފައި ނުވަނިކޮށް ހަމަ އެ ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމާއި ގުޅޭގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ވިޕާއި ޚިލާފްވުމުން އަމަލު ކުރާނެގޮތް އެމްޑީޕީގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުގެ މަތިން، ވިޕާއި ޚިލާފްވި މެމްބަރުންގެ މައްސަލަ ޕާޓީގެ އިދާރީ އޮނިގަޑުގެ ތެރެއިން ބަލަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން މި ދަނީ އިއްޔެ އަޅުގަނޑުމެންގެ ވިޕާ ހިލާފުވި ބޭފުޅުންނާއި ދޭތެރޭގައި ، އެބޭފުޅުން ކިތަށް ފަހަރުތޯ ހިލާފުވެވަޑައިގަތީ، މިކަންކަން ބަލަމުން އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ ސެކްރެޓަރީ މިހާރު ކުރިއަށް އެބަގެންދަވާ. ގަވައިދު ބުނާ ގޮތުން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅު އަޅާނަން.

މިއަދުގެ ޕްރެސްގައި ބިގޭ ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ނެގި ވޯޓުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. އަދިކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ބިގޭ ވިދާޅުވީ ފުރަތަމަ ފަހަރަށް ވިޕާއި ހިލާފުވާ ފަރާތްތަކަށް އަނގަބަހުން ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ، ލިޔުމުން، ތިން ވަނަ ފަހަރަށާއި ހަތަރު ވަނަ ފަހަރަށް ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ހިންގާ ގަވާއިދުގައި އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.