މިރޭގެ ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި

މިރޭގެ ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، މިރޭ ބައްވަން އުޅުނު ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ. މިރޭގެ ޖަލްސާވެސް ފެށުމާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ ދުންމާރިތައް ހިފައިގެން ރިޔާސަތުގައި އިންނެވި އަސްލަމްގެ ކަންފަތްދޮށުގައި އަޑުގަދަކުރަން ފަށާފައެވެ.

މިރޭ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ނިންމިއިރު ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން މަސައްކަތް ކުރި މަޖިލީހުގެ ޖަލްސާ، މަޖިލިސް ހޫނުވެ ބޭއްވޭގޮތް ވެފައި ނުވަނުކޮށެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ޚިޔާލު ތަފާތުވުން އުފެދި މަޖިލިހުގައި މެމްބަރުންގެ މެދުގައި މިއަދު  ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ. އަދި ވެރިކަންކުރާ ކޯލިޝަނުންވަނީ 23 މެމްބަރުންގެ ސޮޔާއެކު މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.

އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އިހުތިޖާޖުތަކުގެ ސަބަބުން މަޖިލިސް ޖަލްސާވަނީ ކުރިޔަށް ނުގެންދެވިފައެވެ.

އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، މަޖިލިސް ދޮށަށް ވަނީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެއްވެ ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ.

މަޖިލިސް ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިއަދުގެ ދުވާލު ބޭއްވި ޖަލްސާ ވަނީ ކުރިޔަށް ނުގެންދެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *