އިންޓަގްރޭޓެޑް ޓޫރިޒަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިހަވަންދިއްޕޮޅު ތަރައްގީ ކުރަނީ

އިންޓަގްރޭޓެޑް ޓޫރިޒަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިހަވަންދިއްޕޮޅު ތަރައްގީ ކުރަނީ

Author
ހުސެއިން
28 ޖެނުއަރީ 2024 06:56
0

އިންޓަގްރޭޓެޑް ޓޫރިޒަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ، މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކެބިނެޓްގެ ނިންމުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން އުފެއްދެވުމަށް ނިންމި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމުގައެވެ.

އަދި މިކަމާގުޅިގެން އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެކުންފުންޏަށް ދިނުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، މި ސަރަޙައްދު ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުގައިކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްސަދުގައި ޚާއްސަ މެންޑޭޓަކާއެކު އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކުންފުންޏެއް ކަމަށާއި، މި ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެއް ކަމުގައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.