މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ޚިޔާލު ތަފާތުވުން އުފެދި މަޖިލިހުގައި މެމްބަރުންގެ މެދުގައި މިއަދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް އަނިޔާ ވެއްޖެއެވެ.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.
އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އިހިތިޖާޖުތަކުގެ ސަބަބުން މަޖިލިސް ޖަލްސާވަނީ ކުރިޔަށް ނުގެންދެވިފައެވެ.
އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، މަޖިލިސް ދޮށަށް ވަނީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެއްވެ ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ.
މަޖިލިސް ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކައި ގުޅިގެން މިއްދުގެ ޖަލްސާ އަދިވެސް ވަނީ ކުރިޔަށް ނުގެންދެވިފައެވެ.
ކޮމެންޓު ފޮނުވާ