ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މަޖިލިހަށް ވާދަކުރާނީ އެންމެ ދެ އަންހެން ކެނޑިޑޭޓުން

ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މަޖިލިހަށް ވާދަކުރާނީ އެންމެ ދެ އަންހެން ކެނޑިޑޭޓުން

Author
ހުސެއިން
28 ޖެނުއަރީ 2024 10:37
0

މިއަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެންމެ ދެ އަންހެން ކެނޑިޑޭޓުން ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ދެ އަންހެން ކެނޑިޑޭޓުންނަކީ، ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ، ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ފާތުމަތު ސައުދާއާއި އިއްޔެ ބޭއްވުނު އެ ކޯލިޝަންގެ ޕްރައިމަރީން ޓިކެޓް ކަށަވަރު ކުރެއްވުނު މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އަސްމާ ރަޝީދެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ހޮނިހިރު ދުވަހު ބޭއްވިއިރު، އެ ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކުރި އެވެ.

މި 283 ކެނޑިޑޭޓުންގެ ތެރެއިން އަންހެނުންނަކީ އެންމެ 32 ކެނޑިޑޭޓުންނެވެ. ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުން މުޅި ޕްރައިމަރީގައި މަޖިލީހުގެ ޓިކެޓް ކާމިޔާބު ކޮށްފައިވަނީ 32 އަންހެން ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކެނޑިޑޭޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޓިކެޓް ކާމިޔާބު ކުރެއްވި އެ އަންހެން ބޭފުޅަކީ މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އަސްމާ ރަޝީދެވެ.

އަސްމާ ވަނީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ.

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރޭގައި ދުންޔާ މައުމޫނާއި އަނާރާ ނައީމް އާއި ނޫރުބާން ފަހުމީ އަދި ޒީނާޒް އާދަމް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ޑރ.މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނުވަނީ ވަނީ އަންހެން މެމްބަރުންނަށް ހާއްސަ އެލަވަންސެއް ދޭން ނިންމައިފަ އެވެ. ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން އެ ޕާޓީން ވަނީ ގިނަ ވޯކްޝޮޕްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޕްރައިމަރީގެ ކުރިން ޓިކެޓް ކަށަވަރުކުރި 13 ކެނޑިޑޭޓުންގެ ތެރޭގައި އަންހެން ކެނޑިޑޭޓަކު ވެސް ހިމެނޭ އިރު، މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ އަންހެން ދެ ކެނޑިޑޭޓުން ވާދަކުރެ އެވެ. އެއީ މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާއަށް ފާތިމަތު ސައުދާ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ 71،597 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނުނު އިރު، ކެމްޕެއިން ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން ފާހަގަކޮށްލެވޭ އިރު، ޕްރައިމަރީގެ ނަތީޖާއަކީ އަންހެނުން ބާރުވެރިކުރުވުމުގެ މި ވިސްނުމާ ތަފާތު ނަތީޖާއެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.