ޖުމުހޫރީ ޕާޓީޣެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ ކަމަށާއި އޭނާ ވާނީ ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި މެންބަރަކަށް ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގްތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުޞަތުތައް ފަހިކުރުމުގެ މަތިވެރި ޢަޒުމުގައި، ހުޅުމާލޭ ދެކުނުދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ޕާޓީގެ ނައިބު ލީޑަރ ނަހުލާ ކަމުގައެވެ.
އަދި ގާސިމް ވިދާޅުވީ ޤާނޫން ހަދާ މަޖިލީހަކީ، އެމަޖިލީހަކަށް ތަޖްރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިޚާބު ކުރާން ޖެހޭ ތަނެއް ކަމުގައެވެ.
އަޅުގަނޑުއެދެނީ ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ލިބިގެންދިއުމެވެ. ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި މެންބަރެއްކަމުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ