މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި 80 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމުގައި އެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، މި ޕްރައީގައި ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް ކަމަށާއި، 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ ކަމުގައެވެ.
މާދަމާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނައިރު، އެ ކޯލިޝަނުންވަނީ ޕްރައިމަރީއާނުލާ 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އެންމެ ފަރާތަކުން ކުރިމަތި ލާފައިވާތީއެވެ.
މާދަމާގެ ޕްރައިމަރީގައި ވޯޓުލުން މާލޭގައި ކުރިޔަށްދާނީ ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަންތަނުގައި ކަމަށްވެސް އެ ކޯލިޝަނުން ބުނެފައި ވެއެވެ.
މި ޕްރައިމަރީ ނިމުމުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާއިރު، ވާ ނުކުރުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް ވާދަކުރާ ދާއިރާއަށެވެ.
މާދަމާ ބާއްވާ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ