ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ: ޝަހީމް

ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ: ޝަހީމް

Author
ހުސެއިން
24 ޖެނުއަރީ 2024 07:29
0

ރައްޔިތުން އިންތިޚާބުކުރި ސަރުކާރަށް ގައުމު ހިންގުމުގެ ފުރުސަތު ދޭންޖެހޭ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި މަސައްކަތް ކުރުމަށް އެއްބަސް މިއަދު ދެޕާޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނިކޮށް، ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިމިޤުރާޠީ އުޞޫލުތަކާ އެއްގޮތަށް ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ ކަމުގައެވެ.

އަދި ޝަހީމް ވިދާޅުވީ، އެތައް ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަމުން، ޒާތީ ބަދަލުހިފުމުން ޤައު ސަލާމަތްކޮށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކު ބޯހިޔާ ވަހިކަމަށް ދާއިމީ ޙައްލު ހޯދައިދެއްވައި އަދި ޒަމާނީ ތަރައްޤީގެ އާ ހަރުފަތްތަކަށް ޤައުމު ވާޞިލުކުރުމަށް ރައީސް ޑރ މުއިއްޒު މި ވީ ކުޑަ މުއްދަތުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީ ރަން އަކުރުން ލިޔަން ޙައްޤު މަސައްކަތްތަކެއް ކަމަށެވެ.

އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީން މި ދަނޑިވަޅަށް އެކީގައި މަސައްކަތް ކުރުމަށް ނިންމާފައިވާވަނީ ރައްޔިތުންގެ މަޖިލިހުގައި ކަމަށާއި، އެކީގައި އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަށް ނިންމާފައި ނުވާކަމަށް ދެ ޕާޓީންވެސް މިއަދު ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ، ދެޕާޓީން އެކީގައި އެހެން އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަށް މަޝްވަރާ ކުރެވިފައި ނުވާކަމަށާއި، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް އެކީގައި ވާދަކުރުމަށް ވާހަކަ ދެކެވިފައިވެސް ނުވާކަމުގައެވެ.

އެގޮތުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށްފަހު އެކީގައި ސިޔާސީ މަސައްކަތް ކުރުމަކީ މިޅިން އެހެން ވާހަކައެއް ކަމަށާއި، އެކަމާމެދު ވިސާނާނީ އެހާލަތު އައުމުން ކަމުގައެވެ.

އެހެންނަމަވެސް، ދެޕާޓީގެ ލީޑަރޝިޕުންވެސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޚާރިޖީ ސިޔާސަތު ދެޕާޓީއަށްވެސް ގަބޫލު ނުކުރެވޭ ކަމުގައެވެ. އެގޮތުން ވަކި ގައުމަކާ ޖެހިގަތުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތު ގަބޫލު ނުކުރެވޭކަމަށްވެސް ދެޕާޓީގެ ލީޑަރޝިޕުން ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން ރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އަސަރު ކުރާ ކަހަލަ އަދި މި ސަރަހައްދުން ބޭރުގެ، ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ސަމާލުކަން މި ސަރަހައްދަށް ގެނެސް، މި ސަރަހައްދުގައި މައްސަލަތަކެއް އުފެދި ގޮސް، މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކުރާނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާ ތަން ފެނުމަކީ އެއްވެސް ވިސްނުންތެރިކަމެއް ނެތް ގޮތުގައި އެ ކަންކަން ކުރިއަށް ގެންދަވާ ތަން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ގިނަ ކަންކަމާ ގުޅުންހުރި ކަމެއް ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފުވެސް ވިދާޅުވީ ވަކި ގައުމަކަށް ޖެހިގަތުމަކީ އެއްވެސް އިރަކުން އެޕާޓީން ތާއީދުކުރާ ކަމެއް ނޫން ކަމަށާއި، އަބަދުވެސް އެސިޔާސަތާއި އެޕާޓީން ދެކޮޅު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.