ޔޫރަޕްގެ ޤައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، ފްރާންސްއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނެވި ސެފީރު ޖިއަން ޕްރާންސޮއިސްއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއާއި ފްރާންސާއި ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. އަދި އިޤްތިޞާދީ ތަރައްޤީ، މޫސުމަށް އަންނަ ބަދަލުތަކާއި ސަލަމަތީ ރައްކާތެރިކަންކަށަވަރުކުރުމުގެ ދާއިރާއިންވެސް މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދެބޭފުޅުންގެ ވާހަކަތަކުގައި ވަނީ ދިވެހިންނަށް ފަސޭހައިން ޔޫރަަޕަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ މަޝްވަރާކުރައްވާފައެވެ. އަދި ވިޔަފާރީގެ ދާއިރާއިން ކުރި މަޝްވަރާތަކުގައި ވަނީ ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.