އދ.ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސް އިންޑިއާ އާއި އދގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހު ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ނިއުދިއްލީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަން. މި ދަތުރަކީ އިންޑިއާ އާއި އދގެ ގުޅުން އިތުރަށް ބަދަހިކޮށް، އިސްކަންދޭ ކަންކަމާއި ބައިނަލްއަގްވާމީ ގޮންޖެހުންތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލް ސްޕޯކްސްޕާސަން ރަންދީރު ޖައިސްވާލް އެކްސްގައި ލިޔުއްވާފައިވެ އެވެ.
ޔޫއެންޖީއޭގެ ރައީސް ޖެނުއަރީ މަހުގެ 22 އިން 26 އަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ފްރާންސިސް ދާދި ފަހުން ވަނީ ސުލްހައާއި ތަނަވަސްކަމާއި ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ދައުރުގައި އިސްކަންދެއްވާކަން ހާމަކުރައްވާފައެވެ. އދ.ގެ 78 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ޝިއާރަކީ "އިތުބާރު އުފައްދާ، އެއްބައިވަންތަކަން ގާއިމް ކުރުން" އެވެ.
ފްރާންސިސްގެ މި ދަތުރުފުޅުގައި ޖައިޝަންކަރާއެކު ދެޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު މަލްޓިލޭޓަރަލް މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނިއު ދިއްލީގައި ފްރާންސިސް މަހާތުމާ ގާންދީގެ މަގުބަރާއަށް ޒިޔާރަތް ކުރާނެއެވެ. މީގެ އިތުރުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ (ޑީޕީއައި) ގެ ދާއިރާއިން އިންޑިއާ އިން ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައި ވެސް ފްރާންސިސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް (އައިސީޑަބްލިއުއޭ) ގައި "މަލްޓިލޭޓަރަލިޒަމް އެންޑް ޕީސް، ޕްރޮސްޕެރިޓީ، ޕްރޮގްރެސް އެންޑް ސަސްޓެއިނަބިލިޓީ" ގެ ނަމުގައި ފްރާންސިސް އާންމު ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެއަށްފަހު ފްރާންސިސް ވަޑައިގަންނަވާނީ ޖައިޕޫރާއި މުމްބާއީއަށެވެ. މުމްބާއީގައި އޭނާ 26/11 ގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކުރއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުމްބާއީގައި ފްރާންސިސް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ނޭޝަނަލް ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރުމާއި އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ނިއު އޮރިއެންޓޭޝަން ފޯ ރިފޯމްޑް މަލްޓިލޭޓަރަލިޒަމްގައި ތަގުރީރު ކުރައްވާނެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މަހާރާޝްތުރާގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑްގައި ފްރާންސިސް ދައުލަތުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅަކީ، އިންޑިޔާއާއި އދގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ޚާއްޞަކޮށް އދ.ގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ތަމްސީލުކުރާ ގުނަވަން ކަމުގައިވާ ޖެނެރަލް އެސެމްބްލީއާއެކު، ގުޅުން ބަދަހި ކުރުމަށް ލިބޭ ވަރަށް ޚާއްޞަ ފުރުޞަތެއް ކަމުގައި އިންޑިއާއިން ދެކެއެވެ.
މި ދަތުރުފުޅުގައި މަޝްވަރާކުރައްވާ ކަންކަމުގެ ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަމްސީލުވުން އިތުރުކުރުމުގެ ގޮތުން އދ.ގެ އިތުރުން ހާއްސަކޮށް ސަލާމަތީ މަޖިލީހުގެ އިސްލާހީ މަސައްކަތްތަކަށް އިންޑިއާއިން ގޮވާލާ ގޮވާލުން ހިމެނެއެވެ.