ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރަނިކޮށް ރޭ ބަންޑުން ޖަހާލައި ޑިންގީއެއް ކަނޑުވި ދެ މީހުން ށ. ފީވަކު ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދޫ ކޮށްލައިފިއެވެ.
އެމްއެންޑީއެފްއިން އެ ދެމީހުން ސަލާމަތްކޮށްފައިވަނީ، ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ 22:23 ގައި ކަމަށެވެ.
ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެ މީހުން ވެސް ފެނިފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މީހުން ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ކަންނެލި ދޯންޏަކުން ކަމުގެ މައުލޫމާތު މިރޭ 00:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ.
ކޮމެންޓު ފޮނުވާ