މިއަހަރު ބޭއްވުމަށް ހަމަޖެހިފައޮވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް 746 ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
އީސީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 746 ޝަކުވާ ހުށަހަޅާފައިވާއިރު، އެންމެ ގިނަ ޝަކުވާ އޮތީ ދިރިއުޅޭ ތަން ބަދަލުވެގެންނެވެ.
އީސީ އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އޭގެ ތެރޭގައި ހިމެނެނީ ދިރިއުޅޭތަން ބަދަލުވެގެން ހުށަހަޅާފައިވާ 450 ޝަކުވާ އާއި، މަރުވެފައިވާ މީހުން ލިސްޓުގައި އޮވެގެން ހުށަހެޅި 225 ޝަކުވާ އާއި ލިސްޓުގައި ނަން ނެތިގެން ހުށހަޅާފައިވާ 5 ޝަކުވާއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް މި މަހުގެ 10ގައި ހުޅުވާފައި ވާއިރު، އެ ފުރުސަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ 17 މާޗުގަ އެވެ. އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،327 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ