ގއ. ވިލިނގިލީގައި ހާލު ބޮޑުވި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މާލެ ގެނައުން ލަސްވި މައްސަލައިގައި ސަރުކާރުން އިހުމާލުވި ކަން އެނގެން އޮތް ކަމަށާއި، ނިޔާވި ކުއްޖާ މާލެ ގެނައުމުގައި އިހުމާލުވި ފަރާތްތައް ޖަވާދާރީ ކުރުވުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
ޑިމޮލްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދިވެސް ލިބެން ނެތުމާއެކު، ބަލި ހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމްވެފައިވާ ކަން އަބަދުވެސް އެނގޭ އިރު، ބަލި މީހުން އިމަޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އެނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މި ޕާޓީން ގޮވާލަމެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީކޮށް އެއަރ އެންބިއުލާންސްގައި މާލެ ގެނައި ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދެމުންއަންނަ ހިދުމަތް ދިނުން ލަސްކަމަށް ބުނެ، އެރަށުގެ ރައްޔިތުން ނުކުމެ، މުޒާހިރާކޮށް، ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި ކަރުދާހުން އާ ނަން ބޯޑެއްވެސް މިމަހުގެ 18 ވަނަ ދުވަހު ހަރުކޮށްފައި ވެއެވެ.
"ޚަބަރު އޮންލައިން" އަށް އެ ރަށުން މައުލޫމާތު ދިން ފަރާތަކުން އޭރު ކިޔައިދިން ގޮތުގައި ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހިރާ ކުރަން ފެށީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ލަފާދިން، ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ، ނިޔާވި ކުއްޖާ، ފުރުވާލުން ލަސް ވުމާއި ގުޅިގެން ކަމުގައެވެ.
ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ކިޔައިދިން ގޮތުގައި، ހާލުބޮޑު ބަލިކުއްޖާ ފުރުވާ ނުލެވި ލަސްވީ، އެ ކުއްޖާ ގެންދިއުމަށް އާސަންދައިގެ އެހީގައި ޗާރޓަކޮށްގެން ފްލައިޓެއް ގެންނަން ޖެހިގެން ކަމުގައެވެ. އަދި އެކަމަށްޓަކާ ހޮސްޕިޓަލުން ކުރާންޖެހޭ ކަންކަން ހޮސްޕިޓަލުން ނިންމި ނަމަވެސް ލަސްވީ އައިލެންޑް އޭވިއޭޝަން ފްލައިޓް ކޫއްޑޫއަށް ދިއުން ލަސްވެގެން ކަމުގައެވެ.
އެގޮތުން ވިލިގިލީ އަތޮޅު ހޮސްޕިޓަލްގައި މިމަހުހެ 17 ވަނަ ދުވަހުގެ ރޭ ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވިފައިވަނީ ގާތްގަޑަކަށް 16 ވަރަކަށް ގަޑިއިރު ފަހުން، މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. މައުލޫމާތު ލިބުނު ގޮތުގައި އެކުއްޖާ ފުރުވާލެވުނީ ވަރަށް ހަވީރުގެ ވަގުތެއްގައި ކަމުގައެވެ.
މާލެ ގެނައުމަށްފަހު އެކުއްޖާއަށް ފަރުވާދޭ ފެށުމަށްފަހު ހާލުދެރަވެ، ފާއިތުވި ދެދުވަހު ޑޮކްޓަރުން ވަނީ އުއްމީދި ކަނޑާލާފައެވެ.
ނިޔާވި ކުއްޖާއަކީ ވިލިގިލި ސްކޫލްގައި ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރަމުންދިޔަ ކުއްޖެކެވެ.
ކޮމެންޓު ފޮނުވާ