މިއުޅެނީ ކީއްކުރަން؟ ހަގީގަތެއް ކޯލިޝަނަށްވެސް ނޭގޭ

މިއުޅެނީ ކީއްކުރަން؟ ހަގީގަތެއް ކޯލިޝަނަށްވެސް ނޭގޭ

ގުޅުންހުރި

ކޯވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ކުއްލި މަޝްވަރާތައް ފަށާފައިވާކަމަށް ސަރުކާރުން ވަނީ އިއްޔެ ހާމަކޮށްފައެވެ. ފޮރިން މިނިސްޓްރީން މިކަން ހާމަކުރުމާއި ހަމައަށްވެސް މިކަމަކީ އެއްވެސް ވަރަކަށް ސަރުކާރުގެ ތެރޭގައި މަޝްވަރާކުރެވި ކޮން ގޮތަކަށް ހިނގާކަމެއްކަން ނޭގޭކަން މިއަދު ފެންނަމުންދާ މަންޒަރުތަކުން ހާމަވެއެވެ. ކޯލިޝަންގެ ލީޑަރުން ދައްކަވާ ވާހަތަކުން މިއީ އެއްވެސް ވަރަކަށް ވާނުވާއެއް ނޭގި ހިނގާ އަޑި ނޭގޭ ކަންތައްތަކެއް އޮވެގެން ފެށިފައިވާ މަސައްކަތެކެވެ.

ކޯލިޝަންގެ ވިސްނުން ދެކަފި:

ކޯލިޝަންގެ ބައިވެރިވެރިންގެ ތެރެއިން ރައީސް މައުމޫން ދަނީ މިކަމުގައި ކެނޑިނޭޅި އެމަނިކުފާނުގެ ޚިޔާލު ފާޅުކުރައްވަމުންނެވެ. އެކި ކަންކަމުގައި އެމަނިކުފާނު ދެކޭ ގޮތް ހާމަކުރައްވައި ޚިޔާލް ފާޅުކުރެއްވި ނަމަވެސް މިމައްސަލާގައި އެމަނިކުފާނުދަނީ ހުއްޓުމެއްނެތި ޓުވީޓް ކުރައްވައި ޚިޔާލު ފާޅުކުރަމުންނެވެ. ކަނޑައެޅިގެން މިއީ ދިވެހި ސަރުކާރުން ކުރަން ތާއީދު ކުރާކަމެއް ނޫންކަމަށް ރައީސް މައުމޫން ދަނީ ވިދާޅުވަމުންނެވެ. އެންމެ ފަހުން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކީރިތި ޤުރްއާނުގައި މުސްލިމުންނަށް މުޚާޠަބުކުރައްވާފައިވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި ވުމަށް ކަމަށެވެ. އަދި ޝްރީލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމު ރައްޔިތުން ރާއްޖެ ގެނެސް ވަޅުލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ލަންކާގެ ފަސްގަނޑުގައި އެމީހުން ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން މަސައްކަތް ކުރުން މާ ރަނގަޅުވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުފައެވެ.

ކޯލިޝަންގެ އަނެއް ބައިވެރިޔާ ޤާސިމް އިބްރާހިމް ހުންނެވީ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔައިގެންނެވެ. ޤާސިމް ވިދާޅުވެފައިވަނީ ލަންކާގެ މުސްލިމު އަޚުން ކޯވިޑްގައި ނިޔާވުމުން އެމީހުން އަންދާކަން ފުރުސަތު ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫންކަމަށެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އެހަށިތައް ވަޅުލަން ލަންކާއިން ފުރުސަތު ނުލިބޭނަމަ ރާއްޖެއިން އެފުރުސަތު ހޯދައި ދިނުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރެއިން ދީނީ އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީންވެސް ވަނީ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ މުޅިދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ، ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އެ ޕާޓީގެ ފަރާތުން ދެކޭކަމަށެވެ.

ޢިލްމުވެރިންގެ ވިސްނުން:

މިމައްސަލާގައި ދީނީ ގިނަ އިލްމުވެރިން ތާއީދު ކުރަނީ ލަންކާގެ މުސްލިމުނެ އަންދާ ނުލައި އެކަން ކުރެވެން އޮތް ގޮތަކަށް ކުރުމަށެވެ. ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝައިހު ޝަހީމްއާއި، ޝައިޚް އިލްޔާސް ހުސެއިންއާއި، ޝައިޚު އިޔާޒުފަދަ ބޭފުޅުންވެސް ވަނީ ލަންކާގެ މުސްލިމުންގެ ހަށިތައް އެންދުމާއި ދެކޮޅަށް ވަކާލާތުކޮށް، ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. މީގެ ތެރެއިން ޝަހީމް ފިޔަވައި ހުރިހާ ދީނީ އިލްމުވެރިންވެސް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައިވެއެވެ.

މިކަމަށް ފުރަތަމަ ހުށަހެޅުން އައީ ކޮން ގޮތަކަށް؟

ލަންކާގައި ކޯވިޑް-19 ގައި މަރުވާ މުސްލިމު ރައްޔިތުން އަންދާނުލައި ވަޅުލެވޭނެ އިންތިޒާމު ހަމަޖައްސަން ކުރެވެމުންދާ މަޝްވަރާތަކުގެ ފެށުން އައިސްފައިވާ ގޮތާއިމެދުވެސް މިހާރުވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ލަންކާގެ ގިނަ ނޫސްތަކުގައި ބުނެފައިވަނީ މިހުށަހެޅުން ލަންކާ ސަރުކާރަށް ހުށަހެޅި ދިވެހި ސަރުކާރުންކަމަށްވެ. އަދި މި މަޝްވަރާތައް ކުރަމުންދަނީ ރާއްޖެއިން ބޭނުން ވެގެންކަމަށެވެ. ނަމަވެސް ރާއްޖެއިން ބުނެފައިވަނީ ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައިކަމަށެވެ. މިކަމުގެވެސް ހަގީގަތް މިހާރުވަނީ ނޭގޭ ވަރަށް އޮޅުން ބޮޅުން ވެފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ސްރީލަންކާގައި ނިޔާވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރައްވާކަމަށް ދިވެހި ސަރުކާރުން ބުނެފައިވާއިރު، މިކަމަކީ ވަކި ކަމަކަށް އުންމީދުކޮށް ވަކި ކަމެއް ހާސިލް ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިކަމުގެ ހަގީގަތް ސަރުކާރުން ހާމަކުރުމަށް ފަސްޖެހެނީވެސް ވަކި ކަމެއް މިކަމުގެ އަޑިގައި އޮތުމުންކަމަށެވެ. ޚާއްސަކޮށް ކޯލިޝަންގެ ބައިވެރިޔާ އަދި ދީނީ ޢިލްމުވެރިޔާ ރައީސް މައުމޫން މިހާބޮޑަށް މިކަމާއި ކަންބޮޑުވާއިރު، ސަރުކާރުން ކަހާތަން ހިރުވާވެސް ނުލާ ތިބި ތިބުމަކީ މިކަމުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް އެކުލެވޭކަން ހާމަވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ