ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް ވުރެ ފުރިހަމަކޮށް، ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
Jumhooree maidhaanugai huri Fen Aruvaa Vadaan maraamaathukoh kuriahvure furihamakoh, roadhayah aammukoh hulhuvaalumah RJ @MMuizzu ge sarukaarun gendhanee masakkaiy kuramun. Mi ee @MTCCPlc ge #CSR ge dhashun hingaa khaassa project eh. pic.twitter.com/KHWCP30DgP
— Adam Shareef Umar (@Adamshareefz) January 20, 2024
މިއީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ހިންގާ ހާއްސަ މަޝްރޫއެކެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ތަނެކެވެ. މިއުޒިކާ އެކުގައި ފެން އަރުވާ އެ ވަޑާމު ހިތްގައިމު ކަމުން އެ ތަން ބަލާލަން ވަރަށް ގިނަ ބަޔަކު އަބަދުވެސް އެ ސަރަހައްދަށް ގޮސް ހަދައެވެ. އޭރުގައި އެ ތަން ވެފައި އޮތީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާ ތަނަކަށެވެ.
ނަމަވެސް ޔާމީންގެ ވެރިކަން ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެތަނަށް އަޅާނުލައި އޮތުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ހަލާކުވިއެވެ. އޭގެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރު ކަމަށް ހުންނެވި ދުވަސްވަރު އެތަން މަރާމާތު ކުރެއްވިއެވެ.