ލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް އިސްވެ ހުށައެޅީ ރާއްޖެއިން: ޢަރީފް

ލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް އިސްވެ ހުށައެޅީ ރާއްޖެއިން: ޢަރީފް

Author
މުޙައްމަދު ޖިމީ
15 ޑިސެމްބަރ 2020 02:20
0

ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެނައުމަށް އިސްވެ އެދުނީ ރާއްޖެއިންކަމަށް ތުހުމަތުކޮށްފިއެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް އެގޮތަށް ތުހުމަތުކުރައްވާ ވިދާޅުވީ، ސްރީލަންކާގައި ކޯވިޑް-19ގައި ނިޔަވާ މީހުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލުމަށް އިސްވެ ހުށައެޅީ ރާއްޖޭގެ ފޮރިން މިނިސްޓްރީންކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މިއީ އދ.ގެ އާންމު މަޖިލީހުގެ ރައިސްކަމަށް ވާދަކުރައްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރައްވާ ކެމްޕެއިންގެ ބައެއްކަމަށް ވެސް އަރީފް ތުހުމަތުކުރެއްވިއެވެ. އޭނާ ވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްކަމަށްވެސް ސިފަކުރައްވާފައެވެ.

އަރީފް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ. ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޤައުމުގައި ކޯވިޑް-19ގައި މަރުވާމީހުން ރާއްޖޭގައި ވަޅުލުމަށް އެދިފައިވަނީ ރާއްޖެއިންކަމަށާއި، އެއީ ފީސިބަލް ކަމެއްތޯ ބަލަމުން އަންނަކަމަށެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހަމަޖައްސާދިނުމަށް ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށެވެ. ލަންކާ ސަރުކާރުން އެދިފައިވާ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާއި ގުޅޭ ދާއިރާތަކާއި އެކު ރައީސް މަޝްވަރާކުރައްވަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޯވިޑަށް ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ލަންކާ މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ބައެއް މީހުން އަނަނީ އިހްތިޖާޖުވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.