"މާމުއި ހަނދުވަރުގެ ރޭތައް" ނިމުނު ކަމަށް ވިދާޅުވެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް އިންޒާރު ދެއްވައިފިއެވެ.
"އެކްސް" ގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން "ހައްޔަރުކުރުމަށް" ކުރެވެން އޮތް ހުރިހާކަމެއް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މާތް ﷲ ގެ އިރާދަފުޅުން ކާމިޔާބު ލިބޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއަޔީ. އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ. الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.
— Fayyaz Ismail (@faya_i) January 17, 2024
"މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއަޔީ. އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ. الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އެގޮތަށް ވިދާޅުވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނޫނެވެ. އެކަމަކު، މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިހާރު ވަނީ ދެ މަސްވެފައެވެ.
ފައްޔާޒް މިފަދަ އިންޒާރެއް ސަރުކާރަށް ދެއްވި އިރު، މާލޭ ސިޓީ ކައުންސިލުން ހިންގަން ރާވާފައި ހުރި ބައެއް ބޮޑެތި މަޝްރޫއުތައް ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލުން މިއަދު ނިންމީ މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓްގެ އިމާރާތްތަކާއި ޕާކިން އިމާރާތްތައް އެޅުމުގެ މަޝްރޫއު ސަރުކާރާ ހަވާލުކުރުމަށެވެ. އެ ނިންމުމާ ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ފާސް ކުރި އެ ނިންމުމަކީ މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް ގާނޫނުއަސާސީގެ އަށް ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލްގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމުގައި އާޒިމް ވިދާޅުވިއެވެ. އަދި މާލެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.
މިއަދު އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި ހަވާލުކުރުމަށް ނިންމި މަޝްރޫއުތަކުގެ އަގު 120 މިލިއަން ރުފިޔާއަށް އަރައެވެ.