އުމުރަށް ވުރެ ހަގު އެކްޓަރުންނާއި އެކުގައި ވެސް ފިލްމް ކުޅޭނެ ކަމަށް މިހާރު އުމުރުން 43 އަހަރުގެ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާން ބުނެފިއެވެ.
ކަރީނާ ބުނީ ދުވަސްވީ އެކްޓަރުން އެ މީހުންނަށް ވުރެ ދެ ގުނަ ހަގު ބަތަލާއިންނާ އެކު މަސައްކަތްކުރާ އިރު، ބަތަލާއިންގެ އުމުރާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި ހުދު އޭނާވެސް އުމުރަށް ވުރެ ހަގު އެކްޓަރުންނާއި އެކުގައި ފިލްމް ކުޅޭނެ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ މާބޮޑު ކޮށްގެން ބަޔަކު ދައްކަން ޖެހޭ ވާހަކައެއް ނުން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އޭނާ ބުނިގޮތުގައި އުމުރުގެ ފަރަގު ހުރި މީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކޮށްގެން ވެސް އުޅެ އެވެ. އެެގޮތުން އޭނާ އާއި ފިރިމީހާ ސައިފް އަލީ ޚާންގެ އުމުރުގައި ބޮޑު ފަރަގެއް އެބަހުރި ކަމަށާއި ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްއާ ދެމެދު ވެސް އުމުރުގައި ބޮޑު ފަރަގެއް ހުރި ނަމަވެސް އެއީ މައްސަލަ އަކަށް ވާން ނުޖެހޭ ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާ ވަނީ އޭނާއަށް ވުރެ އުމުރުން މާހަގު އެކްޓަރުންނާއި އެކުގައި ރޮމޭންޓިކް ފިލްމްތަކެއް ކުޅެފައިއެވެ. އެގޮތުން ކަރީނާ އަށް ވުރެ ހަގު އެކްޓަރުންނާ އެކު އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ސުމިތު ވިއާސް 36، އާ އެކު ކުޅުނު "ވީރޭ ދީ ވެޑިން" އާއި އަރުޖުން ކަޕޫރް 34، އާ އެކު ކުޅުނު "ކީ އެންޑް ކާ" އާއި އިމްރާން ޚާން 36، އާ ކުޅުނު "އޭކް މޭ އޯރް އޭކް ތޫ" އަދި "ގޯތީ ތެރެ ޕިޔާރު މޭ" ހިމެނެ އެވެ.
ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރު ނެޓްފްލިކްސް އިން ގެނެދިން ފިލްމް "ޖާނެ ޖާން" އިންނެވެ. މި ފިލްމްގައި އޭނާ އާއި އެކުގައި ފެނިގެން ދިއައީ ވިޖޭ ވަރްމާ އާއި ޖައިދީޕް އަހަލްވާތްއެވެ.