އާރބަންކޯގެ ނަން ދޫކޮށްލާ، އެޗްޑީސީގެ ނަމަށް އަލުން ރުޖޫއަވުމަށް އާރބަންކޯއިން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް، އާބަންކޯ ގެ ނަމުގެ ގޮތުގައި ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެ ކުންފުނިން އޭރު ބުނީ އެ ކުންފުނީގެ ރީބްރޭންޑިން އާބަންކޯ އަކީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ ޕާޓްނަރަކަށް ހެދުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމުގައެވެ. އެ ކުންފުނީގެ މަސްދަރަކުން މިއަދު "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުންޏަށް އާބަންކޯ ގެ ނަމުން ނަން ދީފައިވީ ނަމަވެސް ރަސްމީ ހުރިހާ ލިޔެކިޔުމެއްގައި އަދިވެސް އެޗްޑީސީގެ ނަން ބޭނުންކުރާ ކަމަށާއި ގާނޫނީ ގޮތުން އެ ނަން ބޭނުންކުރަނީ އެޗްޑީސީގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން އާންމުން ތިބީ އޮޅުންބޮޅުންވެފައި ކަމަށާއި އެހެންވެ "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލަން ނިންމީ ކަމަށާއި، އެޗްޑީސީގެ ނަމުގައި ކުންފުނި ރީބްރޭންޑް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި އެ ކުންފުނި ފަހުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގުމަށްފަހު، ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި އެ ކުންފުނި ހިންގަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.
ކޮމެންޓު ފޮނުވާ