އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެ ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދާ ކަން ފާހަގަކުރެވިފައިވާތީ އުމްރާ އަށް ދިއުމަށް އެ ދެ ކުންފުންޏަށް ފައިސާ ނުދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރި ދެ ކުންފުންޏަކީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" ކުންފުންޏެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" ގްރޫޕަކީ އުމްރާއަށް މީހުން ގެންދިއުމަށް އިއުލާންކޮށް ފައިސާ ނަގަމުންދާކަން މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާ ދެ ކުންފުނި ކަމަށެވެ.
މިނިސްޓްރީގެ ވެބްސައިޓުގައި އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ފެންނަން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ލިސްޓުގައި ނެތް ކުންފުންޏެއް ނަމަ ފައިސާ ނުދެއްކުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
"މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރަމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ ޖެހިޖެހިގެން ދެ އަހަރަށެވެ. އެ ހުއްދަ ނެތި ނުވަތަ އުމްރާ ހުއްދައިގެ މުއްދަތު ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާ ހިލާފު ކަމެކެވެ.