ސަރުކާރު ހިއްސާވާ ކުންފުނި ތަކެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ބަދަލު ގެނެސްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި މި ބަދަލު ތަކަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓް ކުރުމާއި މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ގެނައި ބަދަލު ތަކެއް ކަމަށެވެ.
ޕީސީބީން މިފަހަރުވަނީ ސަރުކާރު ހިއްސާވާ 8 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ބަދަލު ގެނައި ކުންފުނި ތަކަކީ:
1. މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
2. އައިލެންޑް އޭވިއޭޝަން ސާވިސަސް
3. އާސަންދަ ކޮމްޕެނީ ލިމިޓެޑް
4. ފަހި ދިރިއުޅުން ކޯޕަރޭޝަން
5. މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން
6. ޕަބްލިކް ސާވިސް މީޑިއާ
7. ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
8. މޯލްޑިވްސް އިސްލާމިކް ބޭންކް
މީގެ ތެރެއިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ޑައިރެކްޓަރުންގެ މަގާމުގައި ކުރިން ތިއްބެވި މުޙައްމަދު ޝަރީފާއި އިބްރާހިމް ރަޝީދު ބޯޑުން ވަކިކޮށް އާމިނަތު ހަމީދު ވަނީ ޑައިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް އަށް ގެނައި ބަދަލު ތަކަށް ބަލާއިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުޙައްމަދު މިހާދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނިޔާޒު މުޙައްމަދު ވަކިކޮށް އެމަގާމަށް ޝަހީދު މުޙައްމަދު ވަނީ އައްޔަނު ކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ޗެއާ ޕާސަންގެ މަގާމަށް ނަޝްވާ އަބްދުالله އައްޔަނުކޮށްފައެވެ. މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑައިރެކްޓަރުންގެ ބޯޑަށް އާމިނަތު ޝީޒާ ވަނީ އައްޔަނުކޮށްފައެވެ.
ސަރުކާރުގެ މީޑިއާ ކަމުގައިވާ ޕަބްލިކް ސާވިސް މީޑިއާ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު އެ މަގާމުން ވަކިކޮށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ގެ މަގާމަށް އަބްދުالله ޔާމީން ވަނީ ބޯޑު މެމްބަރުކަމަށް އައްޔަނުކޮށްފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ވަނީ ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގެ ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އަބްދުލްމުންޢިމް މުޙައްމަދުމަނިކު އައްޔަނުކޮށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުޙައްމަދު ނަސީމް އިބްރާހިމް އައްޔަނުކޮށްފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ބުނެފައިވަނީ، މިއީ މި މަހުގެ 4 އާއި 8 ގައި ގެނެވުނު ބަދަލު ތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ