ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދެގައުމުން އެކުލަވާލާފައިވާ އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ދެން އޮންނަ ބަދަލުވުން ދެފަރާތައް އެއްބަސް ވެވޭ ތާރީޚެއްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައިކަން އެގައުމުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައި ދެގައުމުގެ އޮފިޝަލުންގެ މެދުގައި ކުރިޔަށްދިޔަ މަޝްވަރާތަކަށްފަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ، އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފިވާކަމަށާއި،މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.އަދި ރާއްޖޭގައި ކުރިޔަަށްދާ ތަރައްގީގެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވާކަ ނުގެނެސް ވިދާޅުވެފައިވަނީ އިންޑިއާގެ ވައިގެ ޕްލެޓްފޯމްތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އަދި ސިއްޙީ އެހީތެރިކަން އިތުރަށް ފުރިހަމަކަށް ކުރިޔަށް ގެންދިއުމުގައި ދެފަރާތަށް އެއްބަސްވެވޭ ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.
ދިވެހި ރައްޔިތުންނަށް އިންސާނީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި އެއްބަސްވެވޭ ޙައްލެއް ހޯދުމާ ބެހޭގޮތުންވެސް ދެފަރާތުގެ މެދުގައި މަޝްވަރާކުރެވުނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިއަދު އިންޑިއާއާއި ރާއްޖެއާ ދެމެދުން ބޭއްވުނު ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅިވެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައި ވާކަމުގައެވެ.
ކޮމެންޓު ފޮނުވާ