ސިޔާސީ ޕާޓީތަކަށް 11 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ފުރަތަމަ ބުރުގެ ފައިސާ ދިނުމަށްފަހު، ދެވަނަ ބުރުގެ ފައިސާ މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް ދެބައިކުޅަ އެއްބައި އަދިވެސް ދޫނުކުރެވިވާކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ ދެވަނަ ބުރުގައި 11 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާކަމަށެވެ.
1- އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ
2- ޕީޕީއެމްއަށް 3.9 މިލިއަން ރުފިޔާ
3- ޖުމްހޫރީ ޕާޓީއަށް 1.3 މިލިއަން ރުފިޔާ
ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މި އަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރިން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއިންކަމަށެވެ.، އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓްގެ %0.1 އާއި %0.2 އާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަަމަށްވެސް ބުނެފައިވެއެވެ. މި އަހަރު ރާއްޖޭގެ ބަޖެޓަށް ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން 33.4 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންވާނީ ދިހަ ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، 10،000 މެންބަރުން ހަމަވަނީ 3 ޕާޓީއެއްގައެވެ. އެއީ އެމްޑީޕީއާއި، ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއެވެ.
ކޮމެންޓު ފޮނުވާ