ސިޔާސީގޮތުން މީހުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެއްދުމަށް އަމާޒުކޮށްގެން، ކާކުކަން ނޭނގޭ ގޮތަށް "ކުރުސީގެ" ނަމުގައި ހިންގާ "އެކްސް" ހޭންޑްލްއަކީ ނަޝީދުގެ އަންހެން ދަރިފުޅު މީރާ އޮޕަރޭޓް ކުރާ އެކައުންޓެއްކަމަށްބުނެ، އިންޑިއާގެ ބައެއް ސޯޝަލް މީޑިއާއެކުޓިވިސްޓު އޭނާއަށް އިންޒާރު ދީފިއެވެ.
އިންޑިއާގެ ބައެއް އެކްސް އެކައުންޓުތަކުން ނަޝީދުގެ ދަރިފުޅަށް އިންޒާރު ދީފައިވަނީ "ކުރުސީ"ގެ ނަމުގައި ހިންގާ އެކްސް ހޭންޑްލް ހިންގަނީ ނަޝީދުގެ އަންހެން ދަރިފުޅުކަމަށް، ދިވެއްސެއްގެ ނަމުގައި ހިންގާ އެކްސް ހޭންޑްލްއަކު ކުރި ތުހުމަތު، އިންޑިއާގެ ސޯޝަލް މީޑިއާ ގިނަ އެކްޓިވިސްޓުންނަށް ގަބޫލުކުރެވިގެންނެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ޖަޒީރާ މަންޒިލެއް ކަމުގައިވާ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މީސް މީޑިއާގެ ވަސީލަތްތަކުގައި ކެމްޕޭނެއް ފަށާފައިވަނިކޮށް، ރާއްޖެގެ ސޯޝަލް މީޑިއާގައިވެސް ވަނީ އިންޑިއާއާއި ދެކޮޅަށް ކެމްޕޭން ކުރަން ފަށާފައެވެ.
އެކެމްޕޭންގައި އިންޑިއާގެ ވެރީންނަށް ބަދުބަސް ސަރުކާރުން އިސް 3 އޮފިޝަލަކު ރައްދު ކުރުމާއި ގުޅިގެން އެ 3 އޮފިޝަލުން ސަރުކާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަމައްސައާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީންވަނީ އިންޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު ހާޒިރުވެސް ކޮށްފައެވެ.
ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއި ގުޅޭގޮތުން، ސޯޝަލް މީޑިއާގައި އިންޑިއާއައި ރާއްޖޭގެ ބައެއް ފަރާތްތަކުގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގައި، ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަމުން އައި "ކުރުސީ" އެކައުންޓުން މިހާރުދަނީ އިންޑިއާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
"ކުރުސީ" އެކައުންޓުން ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިހާރު ބުނަމުންދަނީ އެއީ ނަޝީދުގެ އަންހެން ދަރިފުޅު މީރާ ކަމަށާއި، އެ އަކައުން އޮޕަރޭޓް ކުރަމުންދަނީ އިނގިރޭސިވިލާތުގައި ކަމަށެވެ. ނަޝީދުގެ އަންހެން ދަރިފުޅު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
އަދި އިންޑިއާގެ ބައެއް އެކްސް ހޭންޑްލްތަކުންވަނީ މީރާއަށް އިންޒާރުވެސް ދީފައެވެ. އެގޮތުން، އިންޑިއާގެ އެކްސް ހޭންޑްލްއަކުން ކޮށްފަ އޮތް އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މީރާވަނީ އޭނާގެ އަމިއްލަ ނަފްސު ރިސްކަކަށް ހުށަހަޅާފައި ކަމަށާއި، އޭގެ ސަބަބަކީ އިންޑިއާ މީހުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅެމުންދާތީ ކަމުގައެވެ.
އެހެން އެކްސް ހޭންޑްއަކުން ބުނެފައިވަނީ ނަޝީދަކީ ރައްޖޭގައިވެސް "ޢައްދާރެއް" ކަމަށާއި، ފައިސާއަށް ނަޝީދު ރާއްޖެއާބެހޭ ކޮންމެފަދަ ސިއްރު ލިޔުމެއްވެސް އާންމު ކޮށްފާނެ ކަމަށެވެ.
އެހެންނަމަވެސް ނަޝީދުގެ އަންހެން ދަރިފުޅު މީރާވަނީ "ކުރުސީ" އެކައުންޓަކީ އޭނާ އޮޕަރޭޓްކުރާ އެކައުންޓެއްކަމަށް ކުރާ ތުހުމަތު ދޮގު ކޮށްފައެވެ.
އަދި ނަޝީދުވެސް ވެސްވަނީ "ކުރުސީ" އެކްސް ހޭންޑްލްއަކީ އެމަނިކުފާނުގެ އަންހެން ދަރިފުޅު ހިންގާ އެކައުންޓެއްކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ. އަދި އެއެކައުންޓާއި އެމަނިކުފާނާވެސް އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވެ، އެ އެކައުންޓުން އިންޑިއާއާއި ދެކޮޅަށް މިހާރު ފާޅުކުރަމުންދާ ޝުއޫރުތަކާވެސް ދެކޮޅުކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
I’d like to state for the record that I do not operate, control, or have anything to do with the @HKurusee X account, nor does my daughter, Meera. Also, I do not agree with the anti-India views that the account is spreading.
— Mohamed Nasheed (@MohamedNasheed) January 10, 2024