އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުގައި ހިމެނޭ އިލެކްޓޯރަލްވޯޓުން ކުރި ހޯއްދަވާއިގެން، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯބައިޑްންއަށް އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ މަންދޫބުންގެ މެޖޯރިޓީ ވޯޓާއެކު، އެމެރިކާގެ ރައީސްކަން ކަށަވަރު ވެއްޖެއެވެ.
ޖޯބައިޑްއަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދެވިއްޖެކަން ޔަގީންވެގެން ދިޔައީ، އެމެރިކާގެ ޑިމޮކްރަސީގެ ސަގާފަތާ އެއްގޮތަށް، އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ ހުރިހާ މަންދޫބުން އެއްތަނަކަށް އެއްވެ، ވޯޓުދެއްވައިގެން، އެންމެ ވާދަވެރިކަން ބޮޑުކޮށް ކުރިޔަށްދިޔަ، ޕެންސިލްވޭނިއާފަދަ ސްޓޭޓްތަކުގެ މަންދޫބުންވެސް ބައިޑްއަށް ވޯޓު ދެއްވައިގެންނެވެ.
ޖޯ ބައިޑްންއަށާއި ރައިންގ މޭޓް ކާމަލާ ހެރިސްއަށް އިލެކްޓޯރަލް ވޯޓުން އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން ޔަގީން ވެގެން ދިއުމާއެކު، ބައިޑްވަނީ، އެމެރިކާގެ ރައްޔިތުންގެ އިހުސާސްތަކާއި ނިންމުންތައް ޓްރަމްޕް ބަލައިގެންފައި ނުވާތީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ޑިމޮކްރަސީގެ ހުޅުކޮޅު އެތައް ޒަމާނުއްސުރެ މިގައުމުގައިވަނީ ދިއްލިގެން ގޮސްފަ. އަދި މިހާރު އަހަރުމެންނަށް އެގިގެން ހިގައްޖެ، ސިއްޙީ ކާރިސާއަކަށްވެސް، ވެރިކަމަށް ދަހިވެތި ވެފައި ތިބި މީހުންނަށްވެސް، މިހުޅުކޮޅު ނިއްވައެއް ނުލެވޭނެކަން،" ހޯމަދުވަހުގެ ރޭ، ޑެލްވާރުގެ ވިލްމިންޓަންގގައި ހުންނަވައިގެން، ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ބައިޑްން ވިދާޅުވިއެވެ.
"އެމެރިކާގައި، ސިޔާސީ މީހުން ބާރުތަކެއް ނުނަގާނެ. ރައްޔިތުން އެމީހުންނާ ބާރުތައް ހަވާލު ކުރާނީ،" އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް ވެރިކަމުގައި ދެމިހުރުމަށް ޓަރަމްޕް ކުރެއްވި މަސައްކަތްތަކަށް އިޝާރާތްކޮށް ބައިޑްން ވިދާޅުވިއެވެ.
"އެމެރިކާގެ ފުރާނައަށްޓަކާ އަހަރުމެން މިކުރި ހަގުރާމައިގައި، ޑިމޮކްރަސީއަށް މިވަނީ ކާމިޔާބު ލިބިގެން ގޮސްފަ،" އޭނާއަށް އިންތިޚާބުގައި ލިބިގެން ދިޔަ ކާމިޔާބީ ގަބޫލު ކުރުމަށް ޓަރަމްޕަށް އިލްތިމާސް ކުރައްވަމުން ބައިޑްން ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ކެޑިޑޭޓަކު، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ، 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން، 270 ވޯޓު ކާމިޔާބު ކުރަން ޖެހެއެވެ. އިލެކްޓޯރަލް މަންދޫބުންގެ ބައްދަލުވުމުގައި، ކެލިފޯނިއާގެ 55 މަންދޫބުންވެސް ބައިޑްންއަށް ވޯޓު ދެއްވުމާއި ގުޅިގެން، ބައިޑްންއަށް ލިބިގެންދިޔަ އިލެކްޓޯރަލް ވޯޓުގެ އަދަދުވަނީ، އިންތިޚާބު ކާމިޔާބު ކުރުމަށް ބެނުންވާ 270 އިލެކްޓޯރަލް ވޯޓަށްވުރެ މާބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. އިލެކްޓޯރަލް މަންދޫބުންގެ ތެރެއިން އެނެމްފަހުން ވޯޓު ދީފައިވަނީ، ޕެސިފިކް އައިލޭންޑެއް ކަމުގައިވާ ހަވާއީއިންނެވެ. މިސްޓޭޓުގެ އިލކްޓޯރަލް ވޯޓާއެކީ، ބައިޑްން ކާމިޔާބު ކުރެއްވި އިލެކްޓޯރަލް ވޯޓުގެ އަދަދު ޖުމްލަ 306 އަށް ވަނީ އަރާފައެވެ. ޓްރަމްޕަށް ކާމިޔާބު ކުރެވުނީ 232 އިލެކްޓޯރަލް ވޯޓެވެ.
މުޅި އިންތިޚާބުގައިވެސް، ދެ ކެޑިޑޭޓުން އެންމެ ކައިރިން ވާދަކުރި ސްޓޭޓްތައް ކަމުގައިވާ، މިޗިގަން، ވިސްކަންސިންގ، ޕެންސިލްވޭނިއާ، އެރިޒޯނާ އަދި ޖޯޖިއާގެ އިލެކްޓޯރަލް މަންދޫބުންވެސް ވަނީ ބައިޑްއަށް ވޯޓު ދެއްވަފައެވެ.
އިލެކްޓޯރަލް ކޮލެޖަކީ، އެމެރިކާގެ ރައީސަކު އިންތިޚާބު ކުރުމަށް، 1787ގައި އެމެރިކާގެ ގާނޫނޫ އަސާސީގައި ހިމަނާފައިވާ، 538 މަންދޫބުންގެ މައްޗަށް އެކުލެވޭ ވަރަށް ދުވަސްވީ، މުސްކުޅި މުވައްސަސާއެކެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް، ޕޮޕިއުލާ ވޯޓުން ބަލިވި ނަމަވެސް، އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވައިގެން އެމެރިކާގެ ރައީސްކަމަށް ޓަރަމްޕް ވަޑައިގެންނެވުމުންވެސް، އެމެރިކާގެ ރައީސަކު އިންތިޚާބު ކުރުމަށް އެކުލަވާލެވިފައިވާ، ގިނަ ދުވަސްވީ މިއުސޫލު ދޫކޮށްލުމަށް އެތައްބަޔަކު ވަނީ ގޮވލާފައެވެ.
އެމެރިކާގެ އިންތިޚާބީ މަރުޙަލާ ތަކުގައި އިލެކްޓޯރަލް ކޮލެޖް ނިސްބަތްކުރަނީ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން، ވޯޓުލުމަށް ހަމަޖައްސާފައި ތިބޭ މަންދޫބުންގެ ގްރޫޕަކަށެވެ.
އެމެރިކާގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކުރެވިފައިވަނީ، އެމެރިކާގެ ކޮންމެ ސްޓޭޓަކުންވެސް، މިމަންދޫބުން އެ ސްޓޭޓޭއްގެ ގާނޫނުތަކުގައި ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން "އައްޔަން" ކުރަންޖެހޭނެ ކަމަށެވެ. އަދި މިގޮތުން އެމެރިކާގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ އައްޔަން ކުރާ މިމަންދޫބުންނަކީ އެމެރިކާގެ ސަރުކާރުގެ އެއްވެސް މަގާމެއް (އެއީ އިންތިޚާބީ މަގާމަކަށް ވިޔަސް، ނުވަތަ އައްޔަން ކުރާ މަގާމަކަށްވިޔަސް) އަދާކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި މި މަންދޫބުން ދެމި ތިބެންޖެހޭނީ ހަމައެކަނި ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ޚާއްސަކުރެވޭ މަންދޫބުންގެ ގޮތުގައެވެ.
މިގޮތުން މިހާރު އެމެރިކާގައި މުޅި ޖުމްލަ 538 އިންތިޚާބީ މަންދޫބުން އެބަތިއްބެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ މީގެ ތެރެއިން މެޖޯރިޓީ މަންދޫބުންގެ ތާއީދު ނުވަތަ ވޯޓު ލިބޭ ކެޑިޑޭޓަކަށެވެ. އެއީ މީގެތެރެއިން މަދުވެގެން 270 މަންދޫބުންގެ ވޯޓެވެ.