މިދިޔަ އަހަރުގެ ނޮވެމްބަރު ރިލީޒްކުރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3″ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.
ސުޕަރސްޓަރ ސަލްމާން ޚާނާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ ސްޕައި ފިލްމު ސީރީޒް "ޓައިގާ" ގެ 3 ވަނަ ފިލްމު ވަނީ މިދިއަ އަހަރުގެ ކާމިޔާބު ފިލްމްތަކުގެ ލިސްޓުގެ ކުރިން ޖާގަހޯދައިފައިއެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ތެރެއިން ގެނެސްދޭ މި ފިލްމުގައި ދައްކުވައިދޭނީ މި ސީކުއެލްގެ ދެވަނަ ފިލްމުގެ އިތުރުން ޔާޝްރާޖްގެ ފިލްމު "ވޯ" އަދި "ޕަޓާން" އާއި ގުޅުވައިގެން ހިނގާ ހާދިސާ ތަކެކެވެ.
ނޮވެމްބަރު މަހުގެ 12 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 466.63 ކްރޯޑް ރުޕީސް (56.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ޓައިގާ 3″ ހެދީ 300 ކްރޯޑް ރުޕީސް (36.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ސަލްމާނާއި ކެޓްރީނާއާ އެކު، ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ. އަދި ހާއްސަ ފެނިލުމަކުން، ޕަޓާންގެ ރޯލުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ. އިމްރާން ހާޝްމީ ފިލްމުގައި ފެނިގެންދާނީ ނުބައި މީހެއްގެ ރޯލުންނެވެ.